ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް ’މަސްޖިދުއްސިއްދީގު‘ ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ މަޣްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.
700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ގާއިމް ކުރެވިފައިވެއެވެ.
މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން 90 މަޝްރޫއު ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

