މާލޭގެ އިރުމައްޗާއި އުތުރު ތޮށިގަނޑު މަރާމާތުކުރަން ޖަޕާނާއި ރާއްޖެއާ ދެމެދު 70 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ބުނީ، ތޮށިގަނޑު އަލުން ހެދުމުގެ މަސައްކަތް ކުރާނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކަމަށެވެ.

އެ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއެވެ.

އެ އެއްބަސްވުމުގައި ހައުސިން  މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ތައާމު މުހައްމަދެވެ.

އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އިޒާވާ ކަންއެވެ.

އެ މަސައްކަތުގެ ކޮންސަލްޓަންޓަކީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ. އަދި ކޮންޓްރެކްޓް އަގު 700,000,000 ޖަޕަނީޒް ޔެން (70 މިލިއަން ރުފިޔާ)އަށް އަރައެވެ.

އެ އެއްބަސްވުމުގައި ވަނީ، މި މަޝްރޫއު، 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.