ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް އެގައުމުގެ ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.
ރައީސް ގެ މިދަތުރުފުޅުގައި ކުރިއަށްގެންދިއަ މޯލްޑިވްސް- ޖާރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރާއްޖޭގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އަލި އަޅުއްވާ ވާހަކަދައްވަމުން ރައީސް ވަނީ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ފުރުސަތުތައް ފުޅާވެގެންދާ މިދަނޑިވަޅުގައި ރާއްޖޭގައި އިންވެސްޓްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މި ރައުންޑް ޓޭބަލް ގައި ވަނީ ރާއްޖޭގައި ޖަރުމަނުގެ ކުންފުނިތަކަށް ހުރި ފުރުސަތު ތަކާއި ބެހޭ ގޮތުން މައުލޫމާތު އަރުވާފައެވެ. މީގެ އިތުރުން މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުން ވަނީ ރަސްމީ ވާހަކަފުޅުތައް އިތުރަށް ފުޅާކުރައްވައި ދެމެހެއްޓެވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގްވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ހާއްސަ ތަގުރީރެއްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ)ގައި ވެސް ތަޤުރީރު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެޤައުމުގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ މުއިއްޒުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތު ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ހާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސްއާއި އެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ވަނީ ދެއްވާފައެވެ.
ރައީސް މުއިއްޒު ޖަރުމަނުވިލާތަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރުވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

