ކ.މާފުށީގެ ފެނާއި ނަރުދަމާގެ ދެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.
އެ ދެ މަޝްރޫއުއަކީ މާފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އާއި އެރަށުގައި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއުއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދުއެވެ.
އިއްޔެ ހަވާލުކުރި އެ ދެ މަޝްރޫއު ވެސް 571 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ. ދެ މަޝްރޫއުއަށް އަގު 186 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މާފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ އަގަކީ 57،402،888.14 ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަކީ އެ ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި, ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.
މާފުށީގައި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއުގެ އަގަކީ 128،605،793.86 ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާފުށި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި, ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި, އައުޓް ފޯލް އެޅުމާއި އެރަށުގައި ހިއްކި ސަރަހައްދުގައި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 102 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން އިތުރުން މި މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.

