ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ  ފެނަކައިގެ ކުރީގެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ސައީދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 26 ޑިސެމްބަރު 2024 ގައެވެ.

ކުންފުނީގެ ފައިސާއަށް ސައީދު ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، އޭނަ ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ ސެޕްޓަމްބަރު މަހުގައެވެ.

ސައީދު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. ޖަލަށް ގެންދިޔަ ފަހުން ސައީދުގެ ސިއްހީ ހާލަތު ގޯސްވެގެން، އެކި ފަހަރު މަތިން ޑޮކްޓަރަށް ދައްކާފައިވެއެވެ.