ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ، މާލެ ސިޓީގެ 800 މީހުންނަށްވުރެ ގިނަ މީހުން އެއް ފަހަރާ ނަމާދު ކުރާ މިސްކިތްތައް ރަމަޟާން މަހުގެ ކުރިން އޭސީ ކުރުމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވި މަޝްރޫއުގެ ދަށުން މާލެ ސިޓީގެ 4 މިސްކިތެއް އޭސީކޮށް ނިންމާ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައިގައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މާލެ ސިޓީގެ 4 މިސްކިތެއް އޭސީކޮށް ނިންމާލެވޭނެކަމަށެވެ.
މި މަޝްރޫއުގެ ވާހަކަ ރައީސް އެންމެ ފުރަތަމަ ފާހަގަކުރައްވާފައިވަނީ ނޮވެމްބަރު 17، 2025 ގައި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫއުގެ ދަށުން އޭސީ ކުރެވުނު މިސްކިތްތަކަކީ، ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ޚައްޠާބު މިސްކިތްތައް ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
އަދި މި މިސްކިތްތަކުގެ ނަމާދު ކުރާ މައި ހޯލާއި، އަންހެނުން ނަމާދު ކުރާ ބައިވެސް އޭސީކޮށްފައިވާކަމަށް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

