ހުރިހާ އިންތިހާބެއް އެއްކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވިދާޅުވިކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުންވެ.
ޣައްސާން ވިދާޅުވީ ފެނިވަޑައިގަންނަވަނީ ޕީއެންސީން ބުނާ އެއްޗަކާ އިދިކޮޅަށް އެމްޑީޕީން އެއްޗިސް ވިދާޅުވާ މަންޒަރު ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ދެ އިންތިހާބުކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ތައްޔާރުވަމުން އަންނައިރު، އެކަމާ އިދިކޮޅަށް އެމްޑީޕީން މިހާރު ވާހަކަދައްކަމުން އަންނަ ކަމަށް ޣައްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތާރީހަށް ބެލިނަމަވެސް، އިންތިހާބުތައް އެއްކޮށްލުމަށް ރައީސް ސޯލިހު ވެސް ތާއީދު ކުރެއްވި ކަމަށެވެ. ނަމަވެސް އެމްޑީޕީން މިހާރު ތިބީ އެކަމާ އިދިކޮޅަށް ކަމަށް ގައްސާން ވިދާޅުވިއެވެ.
”މިއަދު އެހެންނެއް ނޫން އެ ތިއްބެވީކީ، އެހެންވީމާ އަޅުގަނޑަށް އެހާ ބޮޑަކަށް ސާފެއް ނޫން އެބޭފުޅުންގެ އިހުލާސްތެރިކަން މިވަގުތު އެހުރި ގޮތެއް. ހަގީގަތުގައި ހަމަ ރައްޔިތުންނަށް އެންމެ ފައިދާ އޮތް ގޮތަކީ މި އިންތިހާބުތައް އެއްކޮށް ކުރިއަށްގެންދެވުން. އަދި ދައުލަތަށް އެންމެ ހަރަދުކުޑަވާނެ ގޮތަކީވެސް އެއީ. ރައްޔިތުންނަށް އެންމެ ލުއިވާނެ ގޮތަކީވެސް އެއީ. އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ނިޒާމް އެންމެ ފުރިހަމައަށް ހިންގޭނެ ގޮތަކީވެސް އެއީ.“ ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންނަށްޓަކައި ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމާމެދު ނަގަން ނިންމާފައިވާ ހިޔާލޮ ހޯދުމުގެ ވޯޓު ނެގުން ހުއްޓުވުމަށް ކޯޓަށް ދާން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެގޮތުން އެ ޕާޓީން ބުނެފައިވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު އޮތީ ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނަށް ގެނައި ބަދަލާ ހިލާފަށް ކަމަށެވެ.

