ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ބޭރު ފައިސާގެ އާމްދަނީ 222.8 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު މާލީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފެބުރުވަރީ 26ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 7.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދަކީ 5.9 ބިލިޔަން ރުފިޔާއެވެ.

އެއީ މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.9 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއް ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކުރި އަދަދުވެސް ވަނީ 2.5 އިންސައްތަ އިތުރުވެ 287.1 މިލިޔަން ރުފިޔާއަށްވަނީ އަރާފައެވެ. ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި 222.8 މިލިޔަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އެރިޕޯޓްގައި ބުނެފައިވާއިރު އެއީ  2025 ވަނަ އަހަރު ލިބުނު 6.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު އާމްދަނީ ވަނީ 29.3 އިންސައްތަ އިތުރު އަދަދެކެވެ.

އަދި މީގެ ތެރެއިން 83 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީކަމަށް ވުމާއިއެކު ދައުލަތުގެ އާމްދަނީގައި ޓެކުހުގެ ދައުރު ބޮޑުކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، 26 ފެބުރުވަރީގެ ނިޔަލަށް 6.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 5.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.6 އިންސައްތައިގެ ކުރިއެރުމެއްކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ކަމަށްވާއިރު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 2.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އެއީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 39.4 އިންސައްތަ އިތުރު އަދަދެއްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޖީ.އެސް.ޓީއާއި ވިޔަފާރި އަދި މުދަލުން ނަގާ ޓެކްސްއަކީ ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަންނަ ދާއިރާތައްކަމަށްވާއިރު އޭގެ ތެރެއިނޖީ.އެސް.ޓީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އެއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 32.1 އިންސައްތައިގެ ކުރިއެރުމެއްކަމަށް ރިޕޯޓްގައިވެއެވެ އަދި ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައިވާކަމަށް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ޚަރަދުތަކަށް ބަލާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި މުސާރައާއި ޕެންޝަނަށް 2.64 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރިޕޯޓްގައިވެއެވެ. އަދި  އެއީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ސަބަބުން އައިސްފައިވާ ބަދަލެއްކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.