ތަރުކާރީތަކުގެ ތެރެއިން، ހަށިގަނޑަށް ނުހަނު ފައިދާ ހުރި ތަރުކާރީއެއް ކަމުގައިވާ ފާގަ އަކީ ނުކައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫނެވެ. މިއީ ހިތި ފިލުވައިގެން، ވަރަށް މީރުކޮށް ވެސް ތައްޔާރުކޮށްލެވޭ ކެއުމުގެ ބާވަތެކެވެ.

ފާގަ ކެއުމުން ގުލްކޯޒް އުފެއްދުން ދަށްކޮށްދީ، ލޭގައި ބްލަޑް ޝުގަރ ހުންނަ މިންވަރު ދަށްކޮށްދެއެވެ. އެހެންވެ، މިއީ ހަކުރު ބަލި ހުންނަ މީހުން ކެއުން އެދެވިގެންވާ ތަރުކާރީއެކެވެ.

މިއީ ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓުތައް ހިމެނޭ ތަރުކާރީއަކަށް ވާތީ، މި ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ތަފާތު އިންފެކްޝަންތަކުން ސަލާމަތް ވެސް ކޮށްދެއެވެ.

ސިއްހީ މައުލޫމާތު ހިމެނޭ ލިޔުންތަކުގައި ވާގޮތުން، ފާގަ އަކީ ކެލޮރީ މަދު، އަދި ފައިބަރު ގިނަ ތަރުކާރީއެކެވެ. އެހެންވެ، ބަރުދަން ލުއި ކުރަން އެދޭނަމަވެސް ފާގަ ކާންވީއެވެ. މިއީ ތިބާގެ ބަނޑު މަދު ކެލޮރީކޮޅަކުން ފުރައިދޭނެ އެއްޗެކެވެ.

ލިވާގެ މައްސަލަތައް ހުންނަ މީހުން ވެސް ފާގަ ކެއުމަށް ސަމާލުކަން ދިނުން އެދެވިގެންވެއެވެ. މި ތަރުކާރީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ލިވާ ސާފުކޮށްދީ، ވިހަތައް މަދުކޮށްލައެވެ.

މީގެއިތުރުން، އޮށާޅަ ނެގުން ފަދަ ހަމުގެ މައްސަލަތަކަށް ވެސް ފާގަ އަކީ ހައްލެއް ކަމުގައި ވެދާނެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި، ފާގައިގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކުގެ ސަބަބުން ގައިގެ ހަންގަނޑު ސާފުކޮށްދީ، ރީތި ކޮށްދިނުމަށް މަގުފަހި ކުރުވައެވެ.