މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ، ވަކި ގަޑިތަކެއްގައި އަތްވަށް ނުނިކުމެ އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަސޭހަތްތެރިވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ހޫނު ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މެޓުން ބުނި ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، ރާއްޖެ ސަރަހައްދުގައި ވައިމަޑުވެ، އިރުވެސް ހުންނަނީ ސީދާ ރާއްޖެއާ ދިމާ މަތީގައެވެ.
އަދި ވިލާތައް މަދުވެ، އޭގެ ސަބަބުން ތެތްހޫނުވައި ގިނަ ވަގުތު ދައުރުނުވެ، އެއް ސަރަހައްދެއްގައި މަޑު ޖެހޭ ކަމަށާއި ’ހީޓް އިންޑެކްސް‘ މަތިވަނީ އެހެންވެ ކަމަށް ވެސް މެޓުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭ އިން ބުނީ، މި ދުވަސްވަރު ރާއްޖޭގެ ހޫނު މިން އުޅެނީ، 34 އާއި 36 ޑިގްރީ ސެލްޝިއަސްއާ ދެމެދުގައި ކަމަށާއި، މި ހޫނުން ރައްކާތެރިކަން ހޯދުން މުހިންމު ކަމަށެވެ.
އެގޮތުން އެޗްޕީއޭއިން އިިލްތިމާސްކޮށްފައިވާ ކަންކަމަށް ބަލާއިރު؛
ހެނދުނު 10 އިން ހަވީރު 4 އަށް އަވީގައި ނޫޅުން
އަވީގައި އުޅެން ޖެހޭނަމަ، ހިޔަލެއްގައި މަޑުކޮށްލައި، އަރާމު ކޮށްލުން
ގިނައިން ފެން ބުއިން
ކުލަ އަލި ހެދުން ލުން
އެޗްޕީއޭ ބުނީ، މި ހޫނުގެ އަސަރު ބޮޑަށް ކުރާނީ، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ބޭރުގައި މަސައްކަތް ކުރަން ޖެހޭ މީހުންގެ އިތުރުން ނޮން ކޮމިއުނިކަބަލް ޑިސީސެސް (އެންސީޑީ) ބަލިތައް މީހުންނަށް ކަމަށެވެ. މިއީ ކެންސަރާއި ހަކުރު ބަލި ފަދަ ބަލިތައް ހުންނަ މީހުންނެވެ.
އަވީގައި އުޅެމުންދަނިކޮށް، ބޯ އަނބުރައި، ވަރުބަލިވެ، ވަރަށް ބޮޑަށް ކަރުހިއްކައި، ބޮލުގައި ރިއްސާނަމަ، ސިއްހީ އެހީތެރިކަން ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

