ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގައި ސިޔާސީ މަގުސަދެއް ނެތްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު އެ ޕާޓީގެ ވެސް ރައީސްގެ މަގާމުގައި ހުންނެވި ރައީސް ޑރ މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓް ހިމެނޭ ކަރުދާސް ކޮޅުގައިވެސް ވޯޓްލާންވީ ގައުމީ ވިސްނުމުގައި ކަމަށާއި، ”އަންޕޮޕިއުލާ ޑިސިޝަންސް“ ނަގައިގެން ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ފައިދާހުރި ކަންތައްތައް ކުރައްވަން ކަމަށެވެ.
ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހައެއްކަ މަސްދުވަހުގެ ތަފާތެއްގެ ތެރޭގައި ބޭއްވިގެން ދިއުމުން އޭގެއިން ގައުމަށްވާ އެއްވެސް ފައިދާއެއް ނުކޮށް ވަނީ ގެއްލުން ކަން އެއީ އެއްމެންވެސް ގަބޫލު ކުރާ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވިއެވެ .
”މީކީ ސިޔާސީ ވިސްނުން މީގެ ތެރެއަށް ވަދެ މީތި. އެއްގޮތަކަށްވެސް އޮޅޭނެ ކަމަކަށް ނުވާނެ. އަދި ދެއިންތިހާބު އެއްދުވަހެއްގައި ނުބާއްވާ މިހާރު އޮންނަ ގޮތަށް އޮތީމަ އަޅުގަނޑުމެންނަށް އެބަފެނޭ، ރިޔާސީ އިންތިހާބު ނިމި ސަރުކާރެއް ހޮވުނީމާ ދެން އެސަރުކާރުގެ ޕާޓީ އެއީ އަދި އަމުދުން އެއީ ގައުމުގެ ވިސްނުމުގަ ނެތް ގައުމަށް ހެޔޮއެދޭ ބަޔަކަށް ނުވާހާލަތެއްގައި. މިދެންނެވީ އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި މީގެ ކުރިން ގައުމީ ވިސްނުމަށް ވުރެ ބޮޑަށް އަމިއްލަ ވިސްނުންތައް ގެނެސްގެން އަމިއްލަ ޕާޓީގެ ކަންކަން ވިސްނައިގެން ގައުމުގެ މިނިވަންކަމާއި އިސްތިއުލާލު ގެއްލޭ ގޮތަށް އެތައްކަމެއް ރާއްޖޭގެ ގައުމީ އިގްތިސާދު ހަލާކުވެގެންދިޔަ އެތައް ކަމެއް ކުރިމަތިވެފަ ހުރި ކަންތައްތައް ބައެއް ޕާޓީތައް ވެރިކަން ކުރި އިރު ފެނިފަ ހުރީމަ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޕާޓީއެއް ވެރިކަމުގައި އޮވެގެން ، ޕާޓީގެ ކެނޑިޑޭޓުންގެ ގޮތުގައި ނުކުމެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުން، އެހެން ޕާޓީތަކުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އޮންނަންޖެހޭ ހަމަހަމަކަމާއި މިނިވަން އިންތިހާބަކަށް އޮންނަ ފުރުސަތު ގެއްލިގެން ދާކަމަށެވެ.
މިނިވަންކަމާއި ހަމަހަމަ އިންތިހާބަކީ ޑިމޮކްރަސީގައި ވަރަށް މުހިންމު އަސާސެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ސިޔާސީ ވާހަކައެއް ނޫންކަމަށާއި އެއްފަރާތުގައި ސަރުކާރު ކެނޑިޑޭޓް ހުރި އިރު އަނެއްކޮޅުގައި ހުރީ ސަރުކާރުގެ ކެނޑިޑޭޓެއް ނުވާ ހިސާބުން ފްރީ އެންޑް ފެއާ އިލެކްޝަނަކަށް އޮތް ފުރުސަތު ގެއްލިގެންދާ ކަމަށެވެ. އަދި ގައުމީ ވިސްނުމެއްގައި ނެތް ބަޔަކު ސަރުކާރުގައި ތިބި ނަމަ އޭގެ ނަތީޖާ ފެނިގެންދާނީ ވަރަށް ގޯސްކޮށް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
“ އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ފްރީ އެންޑް ފެއާ އިންތިހާބަކަށް ހެދުމުގެ ފުރުސަތު ހުޅުވާލަން. އޭގެ އެންމެ މައިގަނޑު މަގުސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބާރަށް މެންބަރުން މިހޮވަނީ. އެ ފަންކުޝަން މަޖިލިސް ތެރެއިން ކުރުމުގެ މަގުފަހިކޮށްދެވޭނީވެސް ފްރީ އެންޑް ފެއާ މަޖިލިސް އިންތިހާބެއް ބޭއްވިގެން “ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ކެނޑިޑޭޓެކޭ ނުބުނެވޭ ކަމަށާއި، އޭރުން މަޖިލީހަށް އަންނާނީ އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށެވެ.
އަދި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެފަދަ މަޖިލީހެއް އޮވެގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޒިންމާ ދާރު ނޫން ގައުމީ ވިސްނުމާއި ދުރު ސިޔާސީ ވިސްނުން އިސްކުރާ ފަދަ ސުޕަރ މެޖޯރިޓީއެއް މަޖިލީހަށް ހޮވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ނުކުރާނެ ކަމަށެވެ.
އަދި ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ސުޕަރ މެޖޯރިޓީގެ ނިޒާމް ނެތިކޮށްލެވޭނެ ކަމަށާއި، އަދި ސަރުކާރު ޖަވާބު ދާރީ ކުރުމުގެ ބާރު އޭގެ ހަގީގީ ގޮތުގައި ދެވިގެންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“ އަދި އެތަނަށް ހޮވޭ މެންބަރުންނަކީ އެންމެ ގިނަ ރައްޔިތުން އެދުވަހު ވޯޓްލާ ދުވަހު ހޮވޭ މެންބަރުންނަށް ހެދުމުގެ ފުރުސަތު އެބަ ލިބޭ. މިއީކީ އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ނޫން. މީ އެއްވެސް ސިޔާސީ ވާހަކައެއް މިއަކު ނެތް. މިހިރީ ހައްތާވެސް ގައުމަށް ރަނގަޅު ގޮތް. މިކަންކަން ރަނގަޅުގޮތުގައި ބައްޓަންކުރަން ލިބޭ ފުރުސަތު އެދުވަހު މިއޮންނަ ވޯޓްގައި އާއެކޭ ޖެހީމަ މިލިބެނީ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އެދިލައްވަނީ ގައުމަށް މާނަހުރި އިސްލާހީ ބަދަލުތައް ގެންނަން ކަމަށާއި، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވިގެން ދިއުމުން ހަގީގީ މާނައިގައި ތިންބާރު ވަކިވެފައިވާ ނިޒާމެއް ހިންގޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މި ވޯޓް ނެގުމުގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތް ކަމަށެވެ. އަދި ހާސިލުކުރައްވަން ބޭނުންފުޅުވާ އަމިއްލަ މަސްލަހަތެއް ވެސް ނެތް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ގައުމުގެ ކުރިއެރުމާއި މުސްތަގުބަލަށް އަދި ހަގީގީ ޑިމޮކްރަސީ އެއް ގާއިމްކުރުމަށާއި، ކޮރަޕްޝަން މިގައުމުން ނައްތާލުމަށާއި، ފާއިތުވި އަހަރު ތަކުގެ މާޒީ ބަދަލުކުރުމަށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ”ފެންނަ“ ކަމަށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

