ކުރިން އިއުލާނު ކުރައްވާފައިވާ އިސްލާހުތަކާއި، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިންތިހާބުގެ ކުރިން ސަރުކާރުން އިއުލާނު ކުރި އިސްލާހީ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އާބާދީ ބޮޑުވާވަރަކަށް އިތުރުވަމުންދާ ދިއުން މަދުކުރުމާއި، އަންހެނުންނާއި ޒުވާނުންގެ ކޯޓާ އެކަށައެޅުމާއި، ޝަރުއީ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ( ޑީޖޭއޭ ) އޮންނަ އޮތުމަށް އިސްލާހްގެންނެވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ގާނޫނުތަކަށް އިސްލާހު ގެނައުމާއި އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާތަނަކަށް ޑީޖޭއޭ ބަދަލުވެގެން ދިއުމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ގާނޫނު ތަކަށް ގެނެސްފައިވާ ބަދަލުތަކުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރ ގެ ބާރު ގަދަކަމަށާއި، މިފަދަ ކަންކަމަކީ ޖުޑީޝަރީގެ ހިންގުމަށް އަސަރުކުރާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާހީ ބަދަލުތަކެއް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.