މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖޫން މަހު އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީ 118.6 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޑޮލަރުން ލިބުނު އާމްދަނީގެ ޖުމްލައަކީ 118,599,425 ޑޮލަރެވެ.
މިދިޔަ އަހަރުގެ ޖޫން މަހު މީރާއަށް ލިބިފައިވަނީ 117,677,311 ޑޮލަރެވެ.
އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 0.85 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖޫން މަހު ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އާއި، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި، އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) އެވެ.

 

މީގެ އިތުރުން ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ހިމެނެއެވެ.

ޓީޖީއެސްޓީ އިން 41 މިލިއަން ޑޮލަރު ލިބުނުއިރު، ޓޫރިޒަމް ބިމުގެ ކުލިން 27 މިލިއަން ޑޮލަރު ލިބުނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 19 މިލިއަން ޑޮލަރު ލިބުނުއިރު، ގްރީން ޓެކްސްގެ ގޮތުގައި 10 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 9 މިލިއަން ޑޮލަރު ލިބުނުއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި 9 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

 

މި އަހަރުގެ މިހާތަނަށް މީރާއަށް ޖުމްލަ 867,947,926 ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.

 

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 749,348,502 ޑޮލަރެވެ. މިއީ 9.67 އިންސައްތައިގެ އިތުރުވުމެކެވެ.