ހިތުގެ ދުޅަހެޔޮކަމަށްޓަކައި، ދުވާލަކު 10،000 ފިޔަވަޅު އެޅުމަކީ ކޮންމެހެން ވެސް ބޭނުންތެރިކަމެއް ކަމުގައި ދެކެމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، ފިޓްނަސްއަށް ސަމާލުކަން ދޭ މީހުން މި މައިލްސްޓޯނަށް ވާސިލުވާން ގަދަ އަޅައި މަސައްކަތް ކުރާތީ ވެސް ފެނެއެވެ.
އަދި އެ ވަރަށް ނުހިނގިއްޖެނަމަ، އެކަމާ މާޔޫސްވެ، އަމިއްލަ ނަފްސު ކުށްވެރި ކުރުމަކީ ވެސް ބައެއް މީހުން ކުރާ ކަމެކެވެ. އެކަމަކު އުފެދޭ ސުވާލަކީ، 6،000 އާއި 10،000 ފިޔަވަޅުގެ ފަރަގު ތިބާގެ ހިތަށް އެނގޭނެބާއެވެ؟ ހަމަ ކޮންމެހެން ވެސް، 10،000 ފިޔަވަޅު ހަމަ ކުރަން ޖެހޭ ހެއްޔެވެ؟
މި ސުވާލުގެ ޖަވާބަކީ، މީހުން އުއްމީދު ކުރާ ވަރަށްވުރެ ރަނގަޅު ޖަވާބެކެވެ.
ހިތުގެ ސްޕެޝަލިސްޓުން ބުނާގޮތުގައި، ކޮންމެހެން ދުވާލަކު 10،000 ސްޓެޕްސް ހަމަ ކުރާކަށް ނުޖެހެއެވެ. މުހިންމީ ކޮންމެ ދުވަހަކު ވެސް ހިނގާލުމެވެ.
ކޮންމެ ދުވަހަކު 2،000 ފިޔަވަޅުން، 6000 ފިޔަވަޅަށް އިތުރު ކުރާ މީހާ، ބައެއް ދުވަސް ދުވަހު 10،000 ފިޔަވަޅު އަޅާ މީހާއަށްވުރެ ރަނގަޅު ކަމަށް ސްޕެޝަލިސްޓުން ބުނެއެވެ.
ސީނިއަރ އިންޓަރވެންޝަނަލް ކާޑިއޮލޮޖިސްޓް، ޑރ.ސަމީރް ގުޕްތާ ވިދާޅުވީ، ހިތުގެ ދުޅަހެޔޮކަމަށްޓަކައި 10،000 ފިޔަވަޅު އަޅަންޖެހޭތޯ ގިނަ މީހުން ސުވާލު ކުރާ ކަމަށެވެ.
”އުމުރުން ދުވަސްވީ މީހުން، ހާއްސަކޮށް، 60 އަހަރުން މަތީގެ މީހުން، ދުވާލަކު 6000 ނުވަތަ 8000 ފިޔަވަޅު ވިޔަސް އެޅުމަކީ ހިތުގެ މައްސަލަތަކުން ސަލާމަތްކޮށްދޭނެ ކަމެއް.“ ގުޕްތާ ވިދާޅުވިއެވެ.
އަދި މިއީ ދުވާލުގެ ގިނަ ވަގުތުތައް އިނށީދެގެން އިނދެ ހޭދަ ކުރަން އާދަވެފައިވާ މީހުންނަށް ވަރަށް ރަނގަޅު މިންވަރެއްކަން ވެސް ގުޕްތާ ފާހަގަކުރެއްވިއެވެ.
ދުވާލަކު 2000 ނުވަތަ 3000 ފިޔަވަޅު އަޅާ މީހަކު އެންމެ ރެއަކުން އެ އަދަދު ދެގުނަ ކުރާކަށް ނުޖެހެއެވެ.
އޭގެ ބަދަލުގައި 6000 ފިޔަވަޅު އެޅުން ފަދަ ފަސޭހަ ގޯލްއަކަށް ޓާގެޓްކޮށް މަސައްކަތް ކުރުމުން އެކަމުގެ ފައިދާ މާބޮޑު ވެސް ވާނެއެވެ.
ނަމަވެސް މީގެ މާނަ އަކީ، ޑރ.ގުޕްތާ ވިދާޅުވާ ގޮތުގައި، 10000 ފިޔަވަޅު އެޅުން ބޭކާރު ވުމެއް ނޫނެވެ. އޭނާ ވިދާޅުވީ ޒުވާން އުމުރުގެ މީހުން ދުވާލަކު 8000 ނުވަތަ 10000 ފިޔަވަޅު އެޅުމަކީ ބަރުދަން އިތުރުވެ ދިޔަ ނުދީ ހިފެހެއްޓުމަށާއި، ތަފާތު އެތައް ސިއްހީ މައްސަލައަކުން ރައްކާތެރިވުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ައެކަމަކު ”ދުވާލަކު 10،000 ފިޔަވަޅު“ގެ ލަނޑުދަނޑި އަކީ މެޑިކަލް ރިކަމެންޑޭޝަނެއް ވެސް ނޫނެވެ.
އެ ލަނޑުދަނޑި މަޝްހޫރުވެގެން އައީ، 1960 ވަނަ އަހަރުގައި ޖަޕާނުގެ ކުންފުންޏަކުން، 10،000 ފިޔަވަޅުގެ ނަން ދީފައިވާ ޕެޑޮމީޓަރެއް އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނުގެ ތެރެއިންނެވެ.
ކޮންމެއަކަސް، ހިނގުމަކީ ހަށިގަނޑުގައި ލޭ ދައުރުކޮށްދިނުން ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު ދަށް ކުރުމަށް އެހީތެރިވެދޭ މުހިންމު ކަސްރަތެކެވެ.
އަދި މިއީ ޖިމަކަށް ވެސް ދާން ނުޖެހި ވަރަށް ފަސޭހަކަމާއެކުގައި ކޮންމެ މީހަކަށް ވެސް ހަސް ވަގުތުކޮޅެޢ ހޯދާލައިގެން ކުރެވިދާނެ ކަމެއް ކަމަށަ ވުމާއެކު، ކޮންމެ މީހަކު ވެސް ހިނގާލުމަށް ވަގުތު ހުސް ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

