މާލޭގައި ހުންނަ ގެއެއްގައި ރޭ ފަތިހުގެ ވަގުތެއްގައި ގޭސް ސިލިންޑަރެއް ގޮވައި، އަލިފާން ރޯވެ، ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލަތު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި ގ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ފަތިހު ގާތްގަނޑަކަށް 5:27 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ސާފެއް ނުވެއެވެ.

އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝްގެ ދެ މީހަކަށާއި އިންޑިއާގެ ދެ މީހަކަށްކަން ފުލުހުން ކަށަވަރުކޮށްދިނެވެ.

އެމްއެންޑީއެފާ ހަވާލާދީ ފުލުހުން ބުނެފަ، އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފަސް ކޮޓަރި ހުންނަ، ގާތްގަނޑަކަށް 15 މީހުން ދިރިއުޅޭ ތަނެއްގައެވެ.

މި ހާދިސާގެ ސަބަބުން އެތަނުގެ ފާރެއް ވެއްޓި ފެން މީޓަރުތަކަށާއި ހޮޅިތަކަށް ގެއްލުންވެ، ފެން ލީކުވުމުގެ ސަބަބުން މުޅި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.