ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މިއަދު އައްޔަނުކުރައްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޒީޒު އައްޔަނު ކުރައްވައިފައި ވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އަޒީޒު އެމަގާމަށް އައްޔަންކުރަން ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 47 މެންބަރުން ވޯޓުދެއްވައިގެންނެވެ. އޭނާއަށް ރުހުންދޭން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރެކެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި އަޒީޒަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައްޔަން ކުރެއްވި ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރު ވެސް މެއެވެ.