ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އުވާލަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފައިވާ ގޮތް އޮޑިޓް ރިޕޯޓުން ފެންނަން އެބައޮތް ކަމަށެވެ.

އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވެން ނެތް ކަމަށް ފަންނީ ބޭފުޅުންގެ ލަފާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ގިނަ މަޝްވަރާތަކަކަށް ފަހު ސަރުކާރުން މިހާރު ނިންމަވާފައިވަނީ ފެނަކަ އުވާލުމަށް ފަހު، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

”މުޅި ރާއްޖޭގައި ޚިދުމަތްދޭނީ ސްޓެލްކޯއިން މި މަސައްކަތް ނިމުނީމައި. އެހެންކަމުން ފެނަކައިން ކުރަމުންދާ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް ބަދަލު ކުރެވި ފެނަކަ އެއްކޮށް އުވާލެވިގެން ދާނެ،“ ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެ ކުންފުނީގެ މަސައްކަތްތައް ގެންދަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”ޑުޕްލިކޭޝަން ވަރަށް ގިނަ. ހަރަދު ވަރަށް ބޮޑު. އެހެންކަމުން އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި މި ބަދަލު މިގެންނަނީ. އާރްޑީސީ އުވާލެވި އެމްޓީސީއާ އެއްކޮށްލެވި އެމްޓީސީސީގެ ސަރުކާރު ހިއްސާ ބޮޑު ކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެން ދާނެ،“ ރައީސް ވިދާޅުވިއެވެ.

އެ ދެ ކުންފުނި އެއްކޮށްލުމުގެ އިތުރުން އެ ކުންފުނިތަކަށް ބޭނުންވާ ވަރަށް މުވައްޒަފުން ބެއިތިއްބުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި ކަންކަން ހިނގަމުންދާއިރު މުވައްޒަފުން މަދު ކުރަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.