ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ކުށް ސާބިތުވީ ގދ. ގައްދޫ، ނޫރީގެ، އަލީ ޝަޒީނު (37އ)ގެ މައްޗަށެވެ.
ގައްދޫ ކޯޓުން މިމަހުގެ ހަތަރުވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ޝަޒީނު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ހުކުމްކޮށްްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އޮގަސްޓް 10، 2021 ގައެވެ. މައްސަލައިގެ ތަހުގީގު ނިންމައި، ޝަޒީނުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު 1، 2021 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ.
އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

