މަޝްހޫރު ފިލްމީ ތަރިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 4 މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ވިލިމާލޭއިން އެ މީހުން ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ވ. ސިނަމާލެ 4 3-03 / މާލެ، ޝާހިލް މުޙައްމަދު (42އ) އާއި، މަތިމަރަދޫ، ކޮންކީލިޔާ / ލ.ގަން، މުހައްމަދު ވިޝާލް (29އ) އާއި، ގ.ފްލައިންގޓައިގަރ / މާލެ، އިސްމާޢީލް ޖުމައިހު (35އ) އަދި ވ. ސިނަމާލެ 4 3-03 / މާލެ، އަހުމަދު އަޒްމީލް (44އ)އެވެ.
މީގެ ތެރެއިން ޖުމައިހު އަޒްމީލް އަދި ވިޝާލްއަކީ ފިލްމީ ދާއިރާގެ މަޝްހޫރު ފަންނާނުންނެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

