ދިވެހިރާއްޖެއަށް އަންނާން އޮތް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ފެއިލް ކޮށްލެވޭތޯ އުޅުން ”ކަޑަ“ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރުގެ ”ވޯޓަ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.
މި މަޝްރޫއުއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ނިހާދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފ އަތޮޅު މަޝްރޫއު ހުއްޓުވައިލުމަށްޓަކައި، އެ އަތޮޅު ވިއްކާލަނީ ކަމަށް ބުނެ، އެންމެން މަގުމައްޗަށް ނެރި ކުރި މުޒާހަރާތަކުގެ ސަބަބުން އެ މަޝްރޫއު ވެސް ދިވެހީންނަށް ގެއްލިގެން ދިޔައީ ކަމަށެވެ.
އަދި ރާއްޖެއަށް އެ ކުރިއެރުން ލިބުމުގެ ބަދަލުގައި، އެހެން ދިމާލެއްގައި ރާއްޖެ ފަދަ ރަށްތަކެއް ތަރައްގީ ވެގެން ދިޔަކަން ފާހަގަކުރައްވައި، އެކަމުން ހާސިލުވީ ކޮން ކަމެއްތޯ ނިހާދު ސުވާލު ކުރެއްވިއެވެ.
”މިއަދު އަނެއްކާ އަނެއް ބިލިއަން ޑޮލަރު އިންވެސްޓްމަންޓެއް ފެއިލް ކޮށްލެވޭތޯ އުޅުން ކަޑަ.“ ނިހާދު ވިދާޅުވިއެވެ.
އީގަލް ހިލްސް އަކީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެއީ ޔަހޫދީން ރާއްޖޭގައި ވަޒަންވި ކުރުވަން މަގުފަހި ކުރުވާނެ މަޝްރޫއުއެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. ނަމަވެސް ސަރުކާރުގެ އިސްބޭފުޅުން އެވާހަކަތައް ދޮގު ކުރައްވައިފައިވެއެވެ.

