ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އެމްޑީޕީން އިސްވެ އޭރު ކުރި މަސައްކަތާ، މިއަދު ރަސްމާލެ މަޝްރޫއުއަށް ހުރަސްއަޅަން ރައީސް ޔާމީން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
އަދި އޭރު އެ ދެއްކެވި ވާހަކަފުޅުތަކާއި މިއަދު އެ ދައްކަވާ ވާހަކަފުޅުތައް ދިމާވަނީ ކިހާވަރަކަށްތޯ ސުވާލު އުފެއްދެވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އޭރު ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ އެމްޑީޕީން ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވީ ކަމަށެވެ.
ނަމަވެސް މިއަދު ހަމަ އެ ދަހިވެތިކަމުގައި ރައީސް ޔާމީނަށް އެ ޣައްދާރުވެވެނީ ގައުމަށާއި ރައްޔިތުންނަށް ނޫންތޯ އޭނާ ސުވާލުކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅުން ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ލަސްތަކެއްނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ ކަމަށާއި، މި މަޝްރޫއު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މުސްތަގްބަލުގައި މި މަޝްރޫއުގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ކަމަށާއި، ޝިއާރަކީ ”އެންމެ ފުރަތަމަ ގައުމު“ ކަމަށެވެ.

