އީގަލް ހިލްސް އަށް ދީގެން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭނެހެން ދޮގު ވާހަކަ ފަތުރަމުންދާ އިރު ގައުމީ ސަލާމަތާއި ގުޅޭކަން ކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެދިވަޑައިގެންފިއެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށާއި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތީ ބާރުތަކުގެ ބަދަލުގައި މަޝްރޫއު ހިންގަން ދިން ކުންފުނީގެ ވެރިޔާއަށް މުޅި ރަސްމާލެ ދީފައި އޮތް އޮތުމަކީ ބަލައި ގަނެވާނެ ކަމެއް ނޫން ކަމަށް ޒަމްޒަމް ފާރިޝް ވަނީ ލިޔުއްވައިފައެވެ.
އޭނާއަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ.
އިހްސާން ވިދާޅުވީ އެ ނޫން ގޮތަކަށް މިހާރުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށާއި އޭނާ އަކީ ވެސް ރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް ކަމަށެވެ.
”މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންޖަން އަރުވަން،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
”މިހާރު ވާހަކަ ދެކެވެމުންދާ ރަސްމާލޭގެ އެއް ބަޔަކީ ވެސް ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް. ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރު ވެސް އޮތް އިރު، މި ހުރިހާ ރަށެއްގައިވެސް ސެކިއުރިޓީ ބަލަހައްޓަމުން ދަނީ އެބަޔަކު އަމިއްލަ އަށް.“ އެހެންވެ ރަސްމާލެ ވެސް އެ އުސޫލާ ތަފާތެއް ނުވާ ކަމަށް ވިދާޅުވިއެވެ.
”ނަމަވެސް މި ހުރިހާ ތާކުވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަން ޖެހޭ ހާލަތެއް އައިސްފި ނަމަ ފުލުހުން އެކަން ކުރޭ. ރަސްމާލޭގައި ވެސް އެކަން ކުރާނެ. އަދި ޕްރޮޖެކްޓްގެ ބާވަތުން އެމަސައްކަތް ކުރަން ޖެހެނީ އެރަށުގައި ޤާއިމުވެތިބެގެން ކަމަށްވާ ނަމަ އެކަން ކުރާނީ އެގޮތަށް. އެކަމަކަށް އެއްވެސް ހުރަހެއް ނޯންނާނެ.“ އިހްސާން ވިދާޅުވިއެވެ.
”މި ޕްރޮޖެކްޓާއި ގުޅުވައިގެން ރައްޔިތުންތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގު ވާހަކަ ފަތުރަމުން ދަާއިރު ގައުމީ ސަލާމަތާއި ގުޅޭކަ ންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ދަންނަވަން. ކަންކަމުގެ މައުލޫމާތު ނެތް ނަމަ އެ މައުލޫމާތު އެނގޭފަރާތްތަކުން ސާފުކުރުމަށް ދަންނަވަން.“

