އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި) އިން، ރައީސް ޑރ.މުހައްމަދު މުއިއްޒަށް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ.

މިޝަރަފު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

ރައީސްއަށް މިޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކާއި، އިސްނެންގެވުމާއި، މުއައްސަސާތައް ތަރައްގީ ކުރުމާއި ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަދި ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި އޮނަރަރީ ޑޮކްޓަރޭޓް އެމަނިކުފާނަށް އެރުވީ ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހެބާޒް ޝަރީފެވެ. މި ރަސްމިއްޔާތުގައި އައި.އައި.ޔޫ.އައިގެ ރެކްޓަރ ޕްރޮފެސަރ ޑޮކްޓަރ އަޙްމަދު ސާދު އަލް އަޙްމަދާއި ޕާކިސްތާނު ސަރުކާރުގެ އިސްވެރިންނާއި އަދި ދިވެހި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޝަރަފު ޤަބޫލުފުޅުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ޝަރަފު އެމަނިކުފާނަށް އެރުވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، މި ޝަރަފު ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމުގައި ވީނަމަވެސް، އެމަނިކުފާނު މިޝަރަފު ޚާއްޞަކުރައްވާނީ ދިވެހި ރައްޔިތުންނަށް ކަމުގައެވެ. އަދި މިއެރުވުނު ޝަރަފަކީ ޕާކިސްތާނުން ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށާއި، އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އަޚުވަންތަ ގުޅުމަށް އަދާކުރި އިޙްތިރާމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްއާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އަކީ، މުހިންމު ފަލްސަފާއެއް ތަމްސީލުކޮށްދޭ ތަނެއްކަން ފާހަގަކުރެއްވިއެވެ. އެ ފަލްސަފާއަކީ، އީމާނާ ޢިލްމަކީ އެކުގައި ކުރިއަރައި ދާންޖެހޭނެ ދެކަންތައް ކަމަށާއި، ފިކުރީ ހޯދުންތަކުގެ އެންމެ ފަހުގެ ބޭނުމަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުން ކަމުގައެވެ.

ދިވެހިރާއްޖެއިން ޙިއްސާކުރާ އަގުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، ޤަދަރާއި ޢިއްޒަތަކީ ޖޯގްރަފީ ގޮތުން ޤައުމެއްގެ ބޮޑުމިނާ އަޅާކިޔޭނެ އެއްޗެއް ނޫން ކަމަށާއި، އަދި ޝަރަފުވެރިކަމަކީ އިޤްތިޞާދީ ނުވަތަ ޢަސްކަރީ ބާރުން ކަނޑައެޅޭ އެއްޗެއް ނޫން ކަމަށް، ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމުގައެވެ.

އަދި ކޮންމެ ޤައުމަކީވެސް، އެހެން ޤައުމުތަކުގެ އިޙްތިރާމް ޙައްޤުވާ ޤައުމެއް ކަމަށާއި، ކޮންމެ ރައްޔިތަކީވެސް ކަރާމާތްތެރިކަން ލިބިގެންވާ ބައެއް ކަމަށާއި، އަދި ކޮންމެ ޖީލަކަށްވެސް އަމާން އަދި ޢަދުލުވެރި ދުނިޔެއެއް ވާރުތަވުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު މި ޑޮކްޓަރޭޓް ޤަބޫލުފުޅު ކުރައްވަނީ އިޙްތިރާމާއި ޝުކުރުވެރިކަމާއެކުގައި ކަމަށެވެ. އަދި ޙިކްމަތްތެރިކަމާއެކު ޤައުމު ހިންގެވުމަށާއި، މަޑުމައިތިރިކަމާއެކު ޚިދުމަތްކުރެއްވުމަށާއި، ޢަދުލުއިންސާފު ޤާއިމުކުރުމުގައި ޒިންމާދާރުވެ ވަޑައިގަންނެވުން މަތީ ދެމިހުންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތު ނިންމަވާލެއްވުމުގެ ގޮތުން މި ޚާއްޞަ މުނާސަބަތުގައި ރަސްމީ ފޮޓޯފުޅެއް ނަންގަވާފައި ވެއެވެ.