ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވާ، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުން ފާހަގަކުރެއްވިއެވެ. އަދި، ވިޔަފާރި، ތައުލީމު، ސިއްހީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރެވިގެންދާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެފައިވާ މިންވަރަށް ބައްލަވާލައްވާފައިވެ އެވެ. އަދި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެންދާނޭކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށްވެސް ޕާކިސްތާނުގެ ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އައު ކުރައްވަމުންނެވެ.