ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު އާސިމް މުނީރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ބުދަދުވަހުގެ ރޭ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި މި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެކެވެ.
މިއީ އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ތާރީޚީ ބައިލެޓެރަލް މަޝްވަރާތައް ކުރެއްވިއެވެ.

