އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައިކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު، އަދި އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.
ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ގެ ބަލާ ފާސް ކުރުމަށް ފަހުގައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިލެއްވިއެވެ.

