އޭނާ ކުރެއްވި ހުވައާއި އެއްގޮތަށް މަގާމުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު މިހެން ވިދާޅުވީއިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ. މި މައްސަަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، ސައީދު މިހާރު ގެންދަވަނީ މި މައްސަލައިގައި ހިމެނޭ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

”إن شاء الله އަޅުގަނޑު ކޮށްފައިވާ ހުވައާއި އެއްގޮތަށް އަޅުގަނޑުގެ ޒިންމާތައް މިގެންދަނީ ތެދުވެރި ކަމާއި އަމާނާތް ތެރިކަމާއި އެކު އަދާކުރަމުން.“ ސައީދު ވިދާޅުވިއެވެ.

ސައީދާ ދެކޮޅަށް ވެއްދި މައްސަލައިގައި މިނިސްޓަރާއި ދެކޮޅަށް މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައިވަނީ، ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް އެދެވޭ ގޮތެއްގައި ޖަވާބުދާރީވެވަޑައިގަތުމަށް ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށްފައި ނުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާ، ހާއްސަކޮށް ޑޮލަރު ލިބުމުގައި ބޮޑެތި ތާށިކަންތައްތަކެއް ކުރިމަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާ މައްސަލަ އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.