ރާއްޖޭގައި އިލެކްޓްރިކް އުޅަނދާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ޖީއީއެފްގެ އެހީގައި ކުރިއަށްގެންދާ ”އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް“ މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުން ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

