އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
މާދަމާއިން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް ބެލެވޭއިރު، އުތުރުގެ އަތޮޅުތަކުގައި ވައި އެހާ ބާރު ނުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ނަމަވެސް ބުދަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށައި، ބުރާސްފަތި ދުވަހުން ފެށިގެން ކަނޑުތައް ވެސް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

