ޣައްޒާގެ އުތުރުގައި ހުންނަ އަލް މިނާ ކޭމްޕުގައި ހުރި އޭނާގެ ޓެންޓުގެ ދޮރުމަތީގައި އުމުރުން 29 އަހަރުގެ ރާނާ އަދުނާން ހުމޭދާ އޭނާގެ ދެ މަހުގެ ތުއްތު ދަރިފުޅު އުރައިގެން، އެ އަންހެން ކުއްޖާ ފިނިން ސަލާމަތް ކުރެވޭތޯ ބެލިއެވެ. އެ އާއިލާގެ އެނދާއި ރަޖަޔާއި އަންނައުނު ވެސް ވަނީ ޣައްޒާއަށް އެންމެ ފަހުން ކުރިމަތިވި ވާރޭގެ ތޫފާނުގައި، ޓެންޓަށް ފެންވަނުމުގެ ސަބަބުން މުޅިން ތެންމައިލައިފައެވެ.
ކޭމްޕަށް ބޯކޮށް ވާރޭ ވެހެމުންދާތީ ހުމޭދާ އާއި އޭނާގެ ފިރިމީހާ އަދި ދަރިން ތިބީ ރޭގަނޑުގެ ނިދިން ވެސް މަހުރޫމްވެފައެވެ. ޓެންޓަށް ފެންވަދެ އެމީހުންގެ ހުރިހާ ސާމާނެއް ވަނީ ތެމިފައެވެ. އެ މީހުންގެ ހުރިހާ އަންނައުނުތަކެއް ތެމިފައިވާތީ، ހުމޭދާ އަވަށްޓެރިންގެ އެހީއަށް ވެސް އެދުނެވެ.
”މުޅި ރޭ އަހަރެމެން މިތިބީ ހޭލާ. އަހަރެމެންގެ ޓެންޓަށް ފެން ވަދެ، އެނދާއި ބްލޭންކެޓާއި އެހެން ހުރިހާ އެއްޗެއް ވަނީ ފެންވެފައި. ހެނދުނު އަހަރެންނަށް ފެނުނީ އަހަރެންގެ ބޮޑު ދަރިފުޅު ތުރުތުރު އަޅާތަން. އަހަރެންގެ ދެ މަހުގެ ދަރިފުޅަށް ވެސް ވަރަށް ފިނިވެއްޖެ.“ ހުމޭދާ ބުންޏެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށި ފަހުން، މިއީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވި ހަތަރުވަނަ ފެންބޮޑުވުމުގެ ކާރިސާއެވެ.
އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނާ ގޮތުގައި ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ދިރިއުޅެމުން ދަނީ ފެންބޮޑުވުމުގެ ފުރުސަތު އޮތް ސަރަހައްދުތަކުގައެވެ. އަދި އެ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ހިސާބުތަކުގައި 400،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ.
ޣައްޒާގެ 44،000 މީހުން ދިރިއުޅެމުން ދަނީ ސްޓްރަކްޗަރގެ ގޮތުން ރައްކާތެރިކަމެއް ނެތް އިމާރާތްތަކުގައެވެ. އަދި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ސަރަހައްދުގެ 4،000 އަށް ވުރެ ގިނަ އިމާރާތްތައް ހުރީ ތަޅާލަން ޖެހޭ ފަދަ ހާލަތުގައެވެ.
ޣައްޒާގެ މުނިސިޕަލްޓީއަށް ވެސް ވަނީ ތޫފާނާ ކުރިމަތިލާން ނުކުޅެދިފައެވެ. މީގެ އިތުރުން 15 ކިލޯމީޓަރުގެ ވާރޭ ފެން ހިންދާ ހޮޅިތަކާއި 212 ކިލޯމީޓަރުގެ ނަރުދަމާ ހޮޅިތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި 8 ޕަމްޕިން ސްޓޭޝަނާއި 3 ސްޓޯމް ވޯޓާ ކަލެކްޝަން ބޭސިން ވެސް މަސައްކަތެއް ނުކުރެއެވެ.
ޑިސްޕްލޭސްމަންޓް ކޭމްޕުތަކުގައި ހުންނަ އިމަޖެންސީ ކޮމިޓީތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ހިޔާވަހިކަމެއް ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
ނުސެއިރާތު ރެފިއުޖީ ކޭމްޕުގެ އިމަޖެންސީ ކޮމިޓީގައި މަސައްކަތް ކުރާ އަދްލީ އަވާދު ވިދާޅުވި ގޮތުގައި އޭނާގެ ޓީމުން މަސައްކަތް ކުރަނީ ވާރޭ ވެހުމުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިވުމަށެވެ. އެކަމަކު އެހީ ބޭނުންވާ އެންމެންނަށް ބޭނުންވާ ވަރަށް ސާމާނު ނުލިބެއެވެ.

