ލުއިފަސޭހަ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބުމުގެ އިތުރުން ހަކަތައިގެ އުމްރާނީ ތަރައްގީއަށް ވުނަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި ހަލުވިކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މި މޭރުމުން ވާހަކަފުޅުދެއްކެވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި ”ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނަރޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިންގ ދަ ފިއުޗަރ“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ސާފު ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށާ އޭގެ އިތުރުން މިއީ ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިގްތިސާދު ހިމާޔަތްކޮށް ރައްކާތެރިކުރުމާއެކު، އިތުބާރުހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުން ކަށަވަރުކުރުމަށްވެސް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުން އެތެރެކުރާ ތެލަށް ދިވެހިރާއްޖެއިން ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވާ، މި ބަރޯސާވުން ކުޑަކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދެވޭ ކަމެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ، އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ވަނަ އަހަރު ކަނޑައަޅާފައިވާ އަމާޒަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މި އަމާޒު ހާސިލުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ރަށްރަށުގައި މި ނިޒާމު ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް މަގުފަހިކުރުމަށްޓަކައި އެނަރޖީ ސްޓޯރޭޖް ސިސްޓަމްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެކަން ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ރަށްރަށަކީ ޖިއޮގުރަފީ ގޮތުން އެކަހެރިކޮށް އުފެދިފައިވާ ރަށްތަކަކަށް ވުމުގެ ސަބަބުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ބެލެހެއްޓުމުގެ ހަރަދު، ވަރަށް ބޮޑުތަން އިތުރުވެގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

