ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ވަނީ ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީ، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އާންމުންނާއި ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާންގީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައެވެ.
އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ބަލައި ފޮޅާ ސާފުކުރުމަކީ މުހިންމު ކަމެކެވެ.
ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުގެ ތެރެއިން ކަމަށްވާއިރު، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެގޮތުން ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ގޯތިތެރެއާއި މަގުމައްޗަށް ފެން ހަރުލާ ފަދަ ތަކެތި އުކާނުލުމަށާއި، މަދިރި އާލާވާނެ ފަދަ ތަންތަން ސާފުކުރުމަށާއި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ލޮލުގައި ރިއްސުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
އެހެންކަމުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ވަނީ އެދިފައެވެ.





