ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މެންދުރު ޔޫތުހަބްގެ ހޯލުގައި ކުރިއަށްދިޔަ ”ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026“ ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތަށް، ސާޖިދާ ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަޙައްމަލުކުރަންޖެހޭނެ ކަމާއި، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމުގައެވެ.
އެހެންކަމުން، އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާ ފުރާނަ ކަމުގައި ވީހިނދު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ހަމަ މިޔާއެކު، ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ސިއްހީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ބަލަންޖެހޭ މުހިންމު ކަމެއް ކަމުގައެވެ.
އަދި ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ އެހީތެރިންނާ ހިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް، އެކަމަނާ ޒުވާނުންނަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ޙާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި މި ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ގާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މިކަންކަމަކީ، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާއީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން،އެކަމަނާ ވިދާޅުވީ، އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއަކަށް ވާންވާނީ، ހުރިހާ ކުދިންގެ ރައްކާތެރިކަން ކަމަށާއި، އެތައް ފަހަރަކު އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނަކުވެސް، ހިތްވަރު ލިބިގެން އެހީއަށް އެދުމުން އޭނާއަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކި، އިންސާފު ލިބޭނޭކަން ޔަގީންކޮށްދޭން ޖެހޭނެ ކަމުގައެވެ.
އަދި ޒުވާނުންނަކީ، މި ގައުމުގެ މާދަމާގެ ބަތަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި، އީޖާދީ ވިސްނުމާއެކު ޤައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.





