ހުޅުމާލެ ފޭސް ދޭއްގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރަން ހަމަޖެހިފައި ވަނީ 500 އެނދުގެ ހިދުމަތްދޭ ބޮޑު މަރުކަޒެއް ކަމަށެވެ.
އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު އިކޮނޮމިކް ކައުންސިލުން ހުއްދަ ވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
”މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް. އެގޮތުން ޓެކްނިކަލް ރިކުއާމަންޓްސް ކަނޑައެޅުމާއި، ދޭނެ ހިދުމަތްތައް ޕްލޭން ކުރުމުގެ އިތުރުން އިންޖިނިއަރިންގެ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް ބާރަށް ހިނގަމުންދޭ.“ ގީލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހޮސްޕިޓަލަކީ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ތަނެއް ކަމަށާއި އެއީ އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަ ސްޕެޝަލިސްޓް ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތަށް ހަދާ ހޮސްޕިޓަލެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 500 އެނދުގެ މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަން އިއުލާންކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައެެެވެ.





