ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ކ.ހުރާގައި ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement
Advertise with us
އިމިގްރޭޝަނުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހާއްސަ ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 341 މީހަކު ވަނީ ބަލައިފާސްކޮށްފައެވެ.

އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މި މީހުންނާ މެދު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ ސަރަޙައްދުގެ އިތުރުން ރަށްރަށުގައި ވެސް އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މީގެ ކުރިން ކ.ގުރައިދޫގައި ހިންގި މިފަދަ ބޮޑު އޮޕަރޭޝަނެއްގައި ވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 39 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.

ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މި ސަރުކާރު އައި ފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ގަވާއިދާ ހިލާފުވެގެން ޑީޕޯޓްކޮށް ފޮނުވާލާފައެވެ.

އަދި އޭގެ އިތުރުން ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ގަވާއިދުގެ ތެރެއަށް ފެއްތުމުގެ (ރެގިއުލަރައިޒް ކުރުމުގެ) ބޮޑު މަޝްރޫޢެއް ވެސް ދަނީ ހިންގަމުންނެވެ.