ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ”ވަރަ އެކްސްޕޯ 2026“ ގައި އެޗްޑީސީން ފަސް ޑިޕާޓްމަންޓެއްގެ ސްޓޯލާއެކު ބައިވެރިވުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި އެކްސްޕޯގައި އެ ކޯޕަރޭޝަނުން ހުށަހަޅައިދޭ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ”އެކުވެހި“ ދައްކާލުމެވެ.
މާކެޓިން ސްޓޯލް މެދުވެރިކޮށް އެކުވެހީގެ ތަފްސީލީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް އެކުވެހި ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، އެކުވެހީގެ ކަންކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުންވެސް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހަމައެއާއެކު، ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންޓަރެކްޓިވް ވީލް، ޓްރީވިއާ، ކުއިޒް އަދި ލަކީ ޕްރައިޒް ފަދަ ހަރަކާތްތައްވެސް ރާވާފައިވެއެވެ.
ގްރީނިން ޑިޕާޓްމަންޓުގެ ސްޓޯލުން ހުޅުމާލޭގެ ލޭންޑްސްކޭޕިންގެ ފަހަތުގައިވާ އަމަލީ އަދި އިންޖީނިއަރިން ސަބަބުތައް ކިޔައިދިނުމާއެކު، ގަސް އިންދުމާއި ލައިވް ހޯޓިކަލްޗާ ހަރަކާތްތައް ހިންގާނެއެވެ.
ޕްރޮޖެކްޓް އިމްޕްލީމެންޓޭޝަން ސްޓޯލުގައި ތާޒާ ފަނުން ތަކެތި ވިޔެ، ލެންބުމާއި ކެފުމުގެ ސަގާފީ ހުނަރުތައް ދައްކާލުން ކުރިއަށްދާނެ ކަމަށާއި، އެ ހަރަކާތުން އުފައްދާ ތަކެތި ޒިޔާރަތްކުރާ ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން ކާޕެންޓްރީ އެންޑް ވެލްޑިން ޓީމުގެ ސްޓޯލުގައި މޯލްޑިވްސް އެކްސްޕޯގައި ބޭނުންކުރި ބޯޓާއި ޑްރެޖަރު ދައްކާލައި ފަންނީ ހުނަރުތައް ހުށަހެޅުމަށް ވަނީ ރާވައިފައެވެ.





