ތިންވަނަ ޙައްޖު އުމްރާ ކޮންފަރެންސާއި އެގްޒިބިޝަން މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޙައްޖާއި އުމުރާ ޕޯޓަލް ވެސް ލޯންޗްކޮށްފައިވެއެވެ.
މިކަން ފެށުމުގެ ޝަރަފުވެރިކޮށް ދެއްވައި ޙައްޖާއި އުމުރާ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން އްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
ކޮންފަރެންސާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރުގެ ނައިބު އުސާމް މުހައްމަދު ސައީދު ވިދާޅުވީ މި ބައްދަލުވުމުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޙައްޖާއި އުމުރާގެ އިދާރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހި ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ހައްލުތައް ހޯދަން ޖެހޭ ކަންކަމުގެ ހައްލުތަކާއި ހަމައަށް ވާސިލުވެވޭނެ މަގު ފަހިކުރުން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފާއިތުވި އަހަރު ޙައްޖާއި އުމުރާގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމްކުރި 5 ކުންފުންޏަކަށާއި ޙައްޖު ކޯފަރޭޝަނަށް ޚާއްސަ އެވޯޑެއް ދީފައިވެއެވެ.
އެވޯޑު ހާސިލުކުރި 5 ކުންފުންޏަކީ މިސްކިޔާ ޕްރައިވެޓް ލިމިޓެޑާއި އަލް ބުރޫޖު ހޯލްޑިންގްސް ލިމިޓެޑާއި މީގާތު ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑާއި އީމާން ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޑެޓް އަދި ކުރިކީލަ އަލް ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑެވެ.





