ނުވަ އަހަރުވަންދެން ހުއްޓިފައި އޮތް، ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ މަސައްކަތް އަލުން ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕާކުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބެވެ.
އެގޮތުން، އެޗްޑީސީން ފާހަގަކުރާގޮތުގައި ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްގީ ކުރާ މި މަޝްރޫޢަކީ، ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބިޔަ މަޝްރޫއުއެކެވެ.
ހުޅުމާލެ ވޯޓަރ ތީމް ޕާކް ތަރައްގީ ކުރަނީ 17,800 އަކަމީޓަރުގައެވެ. އެޗްޑީސީން ބުނީ، މި މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށާއި މިއީ ހުޅުމާލޭގެ މޫނުމަތި ބަދަލުކޮށްލާނެ މަޝްރޫއުއެއްކަމަށެވެ.
މޫދާއި ގުޅިފައިވާގޮތަށް ހުޅުމާލޭ އަތިރިމަތީގެ ހިތްގައިމު މާހައުލެއްގައި ތަރައްގީ ކުރާ މި ވޯޓާ ތީމް ޕާކުގައި، މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތް ހިމެނެއެވެ.
އޭގެތެރޭގައި 8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި، ފޯރިގަދަ ’ޓޯނޭޑޯ ސްލައިޑް’، 290 މީޓަރުގެ ދިގު ’ލޭޒީ ރިވަރ’، 900 އަކަމީޓަރުގެ ’ނިއުމެޓިކް ވޭވް ޕޫލް’، 1,900 އަކަމީޓަރުގެ ’ސްޕްލޭޝް ޕެޑް‘ އަދި ’ވޯޓަރ ހައުސް‘ ހިމެނެއެވެ.
މީގެއިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށް ’ކިޑްސް ބޫމަރޭންގް ސްލައިޑް’، ’ޓޮޑްލަރ ޕޫލް’، ’ކިޑްސް ސްލައިޑްސް‘ އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ ’ސްޕާ ޕޫލް‘ އެއް ހުންނާނެއެވެ.
ހަމައެއާއެކު، މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ ’އިންފިނިޓީ ބަބްލް ޕޫލް‘ އަކާއި، މޫދު މަތީގައި އޮންނަ ’އިންފްލޭޓަބަލް ޗެލެންޖް ގޭމްސް’، ’ކޯސްޓަލް ވޯޓަރ ސްލައިޑް’، ’އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް’، އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައްވެސް ހިމެނެއެވެ.
މި ސަރަހައްދުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް ޢިމާރާތެއް އަޅާއިރު، 5 ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން ޢިމާރާތަކާއި ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ހާއްސަ ތަންތަނުގެ އިތުރުން، މަލްޓިމީޑިއާ ޒޯނާއި ޕާކިންގ ޖާގަތައް ގާއިމުކުރެވިގެންދާނެއެވެ.
ހަމައެއާއެކު، ވޯޓަރ ތީމް ޕާކާ ގުޅިގެން 23,749.7 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްޤީކުރާ ވޯކޯ ރިސޯޓް ހޮޓަލުގައި، ޖުމުލަ 250 ކޮޓަރިއާއި ސުއިޓް ހިމެނެއެވެ.
އަދި 95 ސާވިސްޑް އެޕާޓްމަންޓާއި ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓްގެ އިތުރުން، ބީޗްފްރަންޓް 3 ހޮޓެލް ވިލާ ހިމެނެއެވެ.
މީގެއިތުރުން، 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި 3,550 އަކަމީޓަރުގެ 6 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އޮފީސް ޢިމާރާތް އަލަށް ތަރައްގީ ކުރާނެއެވެ. މިހާރު ހުރި އިމާރާތްތައް މަރާމާތުކޮށް ބޭނުންކުރަން ނިންމާފައިވާއިރު، މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.
ފަތުރުވެރިންނާއި އާއިލާތަކަށް ހާއްސަ ކުރާ މި މަޝްރޫއުގެ ސަބަބުން، ހުޅުމާލޭގެ އިގްތިސާދު ކުރިއަރައި ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.





