ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު 6 މީހަކު ހައްޔަރުކޮށްފިއެވެ.

Advertisement
Advertise with us

ފުލުހުން ބުނީ، އެ ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 ނޮވެމްބަރ 25ވަނަ ދުވަހުގެ ރޭ 22:50 އެހައިކަންހާއިރު ފުލުހުންނަށް ލިބުމާއެކު، އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން އެ ސަރަޙައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވެއެވެ.

އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވެއެވެ. މީގެ އިތުރުން، ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު 2 ބަޔޮނެޓް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.