ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނީ ރޭ މާލޭގައި ބޭއްވި ”އިންޑިއާ އައުޓް“ އެއްވުމުގެ ބައިވެރިން ހައްޔަރު ކުރުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަނިޔާވެރިވެފައިވާ ކަމަށެވެ.

”އިންޑިއާ އައުޓް“ މި ޝިއާރުގެ ދަށުން އިދިިކޮޅުން ބާއްވާ އެއްވުންތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާއިރު، މި އެއްވުންތައް ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް އިދިކޮޅުން މީގެ ކުރިންވެސް ބުނެފައިވެއެވެ.

މި ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވާއިރު، މިއީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ، ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.