ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، އެގޮތަކަށް ދިރިއުޅެން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ނައިބު ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށް ވިދާޅުވިއެވެ.

އަދި ނެތިގެންދާ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އެ ގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަސީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަޞީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެވޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި ޖައްވު ހޫނުވެ ތަޣައްޔަރު ވަމުންދާ ކަމަށާއި ކުރީގައި އަޑުނާހާ މިންވަރަށް މި ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ގުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.