ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މަނަދޫ، ފެހިވިލާގެ، އަހުޒަމް (23 އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޝަރީއަތް ނިމެންދެން އަހްޒަމް ބަންދުކުރަން ކޯޓުން އަމުރުކުރީ މިމަހުގެ 11 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލައިގައި އަހްޒަމް ހައްޔަރުކުރުމާ ގުޅިގެން އޭނާ ވަނީ ނައީމާ މަރާލި ކަމަށް އެއްބަސްވެ އެކަން ކުރި ގޮތް ފުލުހުންނަށް ކިޔާދީފައި ކަމަށް އެނގިފައިވެއެވެ.
މިމައްސަލައިގައި އަހްޒަމްގެ އިތުރުން މަނަދޫ، ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21 އ) އާއި، މަނަދޫ، މަނަދޫ، ވިނަރެސް، ހުސައިން ފަވާޒު (21 އ) ވެސް ހުރީ ހައްޔަރުކޮށްފައެވެ.
ޝަރީއަތް ނިމެންދެން ފަވާޒު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު ރިފާސްގެ ބަންދަށް ކޯޓުން ދީފައިވާ 30 ދުވަސް އަދި ހަމައެއް ނުވެއެވެ.
