ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިވެގެން ދިއުމަކީ ލިބިގެން ދިޔަ ހިތާމައެއް ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ނަޝީދު އެމްޑީޕީން ވަކިވުމާއި ގުޅޭ ގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި ނަޝީދަށް ކާމިޔާބީ އަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނު އެމްޑީޕީން ވަކިވިކަމުގެ ސިޓީ ސޯޝަލް މީޑިއާގައި އާއްމު ކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިވަގުތު ހިނގަމުންދާ ގޮތަށް ބަލާ އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވިއިރު، އެމަނިކުފާނު ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންފައެވެ.
ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އޮގަސްޓް 2014 ގައެވެ.
