އިރާދަކުރެއްވިއްޔާ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ނުވަ މަސް ފަހުން، މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުން އަންނަނީ ހަގީގަތް އޮޅޭ ގޮތަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ދައުލަތުގެ ދަރަނި ބޮޑުވީ ކުރީ ސަރުކާރުގައި ކަމަށް ތުހުމަތު ކުރެއްވިއެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް، އަހަރުން އަހަރަށް ދަރަނި ބޮޑުވީ 16.72 އިންސައްތަ ކަމަށް ވިދާޅުވިއެވެ.
އަދި 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރަށް، ދަރަނި އިތުރުވީ 12.19 އިންސައްތައަށް ކަމަށާއި، ނިސްބަތުން ދަރަނި އިތުރުވާ މިންވަރު، މި ވެރިކަމުގައި ދަށް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
”ދަރަނި ނުދެއްކި، ރިޒާވް ހުސްވެ، ބަނގުރޫޓުވުމަކާ ހިސާބަށް ރާއްޖެ ގޮސްދާނެ ކަމަށް ވާހަކަ ދެކެވޭ. އަޅުގަނޑު މިއަދު ޔަގީންކަން މިއަރުވަނީ ތިބޭފުޅުންނަށް، އިރާދަކުރެއްވިޔާ، އެހެން ނުވާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރަމުން އަންނަ ނުރަނގަޅު އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ފަތުރާ ވާހަކަތަކަކީ ”ހަގީގަތާ ދުރު“ ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ހާސްކަމުގެ ތެރެއަށް ދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެންމެން އެކުގައި މަަސައްކަތްކޮށް، މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ކަމަށެވެ.
ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިގްތިސާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖެ މިހާރު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ.
އެގޮތުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯރްގަން އިން ވެސް ވަނީ ބުނެފައެވެ.