އޭނާގެ ވެރިކަމެއްގައި މާލެ އާއި ހުޅުމާލެ ރޭލު ދަތުރުގެ ނިޒާމަކުން ގުޅައިލާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

”އުޖާލާ ޒަމާން“ ކެމްޕޭންގެ ތެރޭގައި ސަންގު ޓީވީގައި ކުރިއަށް ގެންދިޔަ ”ނާޒިމަށް ސުވާލެއް“ ގައި ބައިވެރިވެވަޑައިގެން، ނާޒިމު ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް މި ސަރުކާރުން ފަށާފައި އޮތް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިންގަނީ ބޮޑު ގެއްލުމެއްގައި ކަމަށާއި އެ ނިޒާމަށް ބަދަލު ގެނެސް، މާލެ އާއި ހުޅުމާލެ ރޭލު ނިޒާމަކުން ގުޅާލާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާރުޓީއެލްގެ މޮޑެލް އަކީ ބަދަލުތަކެއް ގެނެސްގެން ހަރުދަނާކުރަން ޖެހޭ ގޮތަށް އޮތް ނިޒާމެކެވެ.

ނާޒިމު ވިދާޅުވި ގޮތުުގައި މިކަމަކީ އޭނަގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަންތަކެވެ.

ނާޒިމް ވިދާޅުވީ އާރުޓީއެލް އައުމުން ކުރީގައި ބޯޓުފަހަރު ދުއްވި މީހުންނަށް ވަރަށް ބޮޑު ގެއްލުމެއްވި ކަމަށާއި ވިސްނުމަކީ އިތުރަށް ލޯންޗުތައް ނުބަނުން ކަމަށެވެ. އަދި މިހާރު ލިސްޓެޑް ލޯންޗުތައް އެ ސަރަހައްދެއްގައި ހިމަނައިގެން ފަރުދީގޮތުން ފައިދާވާ ގޮތަކަށް އެއް ރޭޓެއްގައި ބަހައްޓަައިގެން އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.