ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާ ގުޅިގެން ބޮޑެތި ބައެއް މަޝްރޫއުތައް ފެށުން މަޑު ޖައްސާލާފައިވާކަން ހާމަކުރައްވައިފިއެވެ.

Ads by Asuru

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަން ހާމަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އެމަނިކުފާނު ވިދާޅުވީ މަޑުޖައްސާލަން ނިންމި މަޝްރޫއުތަކުގެ ތަފްސީލު ފަހުން ހާމަކުރަމުން ގެންދާނެ ކަަމަށެވެ.

”ބޮޑު އެއްވެސް މަޝްރޫއުއެއް އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން، މިވަގުތަކު ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް.“ ރައީސް ވިދާޅުވިއެވެ.

ބައެއް މަޝްރޫއުތައް މަޑު ޖައްސާލަން ނިންމިކަން ރައީސް ހާމަކުރެއްވިއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާ ގުޅިގެން ބައެއް މަޝްރޫއުތައް މަޑު ޖައްސާލުމަށް ރައީސް މުހައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑު ޖައްސާލުމަކީ، މިވަގުތު ރާއްޖޭގެ މާލިއްޔަތަށް އެންމެ ރަނގަޅުގޮތް ކަމަށާއި، ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކާއި، އަދި ދުނިޔޭގެ އިގްތިސާދަށް، ޚާއްސަކޮށް ތެލުގެ އަގަށް އަންނަ ބަދަލަށް ބަލައި ޕްރޮޖެކްޓްތައް މަޑުޖައްސާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.