ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮންމެ ރަށަކަށް ވަޑައިގެންނެވިޔަސް މިހާރު ފެންނަނީ އިސްތިއުފާއަށް ގޮވާ މަންޒަރު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އިއްވި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ލަސްވާ މައްސަލައިގައި، ކަންބޮޑުވުން ފާޅު ކުރަން އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން އިއްޔެ ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.
އެ ސަރަހައްދުގައި ހުންނަވައި، ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީީސް ސޯލިހު ރަށަކަށް ވަޑައިގެންނެވުމުގެ ކުރިން، އެ ރަށަކަށް ކުރީބައިގައި ފުލުހުން ފޮނުވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
”ދިއްގަރުގައި ނުކުމެ ތިބި މީހުންނަށްވުރެ ގިނަ ފުލުހުންނާއި ސިފައިން. އެރި ގޮތަށް އަރާ އެތާގައި ޝުއޫރު ފާޅު ކުރަން، ޕީޕީއެމްގެ ރައްޔިތުން ނުކުތީ ރައީީސް ޔާމީން ދޫކޮށްލަން ގޮވާލަން. ނުކުތީމަ އެމީހުން ގެންގޮސް ހައްޔަރު ކުރީ.“
އަބްދުއްރަހީމް ވިދާޅުވީ ރަށަކަށް އެރުމުގެ ކުރިން އެ ރަށެއްގެ ރައްޔިތުން ހައްޔަރު ކުރުމަކީ ރައީީސް ސޯލިހުގެ އަނިޔާވެރިކަން ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެއް ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ސީދާ ނުފޫޒު ފޯރުވަނީ ރައީސް ސޯލިހު ކަމަށެވެ.
