މި ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހްމަދު އަންވަރު (ސިމްވާ) މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާ ދެއްވައި އޭނާ ސޮއި ކުރެއްވީ، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ”ދަ ޑިމޮކްރެޓްސް“އަށެވެ. އޭނާގެ ފޯމާއި ހަވާލުވެވަޑައިގަތީ ރައީސް ނަޝީދެވެ.
ސިމްވާ އަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އެކްޓިވިސްޓުންގެ ސަފުގައި ގުނާލެވޭ މީހެކެވެ.
ޓްވިޓާގައި މިއަދު ސިމްވާ ހިއްސާކޮށްފައިވާ އިސްތިއުފާގެ ސިޓީގައި އޭނާ ބުނީ ސަރުކާރުގައި މަސައްކަތް ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތަށާއި، ރައީސް ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސިމްވާ ސަރުކާރުން އިސްތިއުފާ ދެއްވިއިރު މި ސަރުކާރު ގެނައުމަށް މަސައްކަތްކުރެއްވި ބައެއް ފަރާތްތަކުން ދަނީ ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ޑިމޮކްރެޓްސް އާއި ގުޅެމުންނެވެ.
