އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަނިންމޭޓްކަމަށް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

”އަދަދު“ ނޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ކަމަށާއިޑ ކޮންމެވެސް ސަބަބަކާހުރެ އެ ވާހަކަތައް ދައްކަވަމުން ދަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ކަމަށެވެ. އެއީ ވަރަށް ދެރަކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަނިންމޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށާއި އެކަމަށް ގޮތެއް ކަނޑައެޅުމާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެއީ އެމަނިކުފާނުގެ ސިކުނޑީގައި މިވަގުތު އިން އެންމެ ބޮޑު މައްސަލަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.