ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ހަސަދަވެރިކަމާއި ބައިބައިވުން ދޫކޮށްލައި އެއްބައިވަންތަކަން އިސްކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރި އެމަނިކުފާނުގެ ހިތޯބުގައި ވިދާޅުވީ މާތް ނަބިއްޔާ (ސ.ޢ.ވ)ގެ ހިޖުރައާ ގުޅިފައިވާ މުނާސަބަތުގައި ހަނދާނަށް ގެނެސްދެނީ، ހަމަނުޖެހުންތަކާއި ބައިބައިވުންތަކެއްގެ ތެރެއިން ސުލްހަވެރި އަމާން ވަރުގަދަ އުންމަތެއް އުފަންވެގެން އައި ގޮތް ކަމަށެވެ.

އަދި ނިކަމެތިކަމާއި ކަންބޮޑުވުންތަކުގެ ތެރޭގައި ވިއްސިވިހާލިވެފައި ތިބި މީސްތަކެއް، އުފާވެރި ހައިބަވަންތަ ބަދަހި މުޖުތަމައަކަށް ބަދަލުވެގެން ދިޔަ ގޮތާއި ހިޖްރައާ ގުޅިފައިވާ އިލާހީ ރިސާލަތުގެ ދަންމަރު މުޅި އިންސާނިއްޔަތު ހުޅުދާން ކޮށްދިން ގޮތް ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަގްސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުން ކަން ރައީސްގެ އެ ޚިތާބުގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދި މިއަދު އޮތް ދިވެހީންގެ ޖީލުގެ މައްޗަށް އެންމެ ބޮޑު އެއް ޒިންމާއަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބު ގައުމެއްގެ ގޮތުގައި ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.